ހޯމަ, ސެޕުޓެންބަރު 06, 2010
   
Text Size

އަގުވެއްޓި، ބޭޒާރު ވުމުން، ރީނދޫ ނުވަތަ ނޫކުލައިގެ މަޝްހޫރު ޕާޓީއެއްގެ ދަލުގެ މަތީ ކުރެވީގައި އެލިގަނެގެން

އަޅުގަނޑަކީ އެމް ޑީ ޕީ އަށް ތާއީދު ކުރާ މީހެއް ނޫނެވެ. އަދި އެއްވެސް ޕާޓީއެއްގެ މެމްބަރެއްވެސް ނޫނެވެ. ޕާޓީތަކުގެ ޙަރަކާތްތައް ދުރުން ބަލަމުން، ދިރާސާ ކުރަމުން ކޮންމެވެސް ވަރަކަށް ގެންދެވޭތޯ މަސައްކަތް ކުރާ މީހެކެވެ.

 ހުރިހައި ފަހަރަކު ކަންކަމުގެ ބޮޑު މަންޒަރު އަޅުގަނޑަށް ނުފެނުނު ކަމުގައި ވީނަމަވެސް ބައެއް ފަހަރަށް ކުޑަމަންޒަރު ނަމަވެސް ފެނެއެވެ. ރައްޔިތު މީހުން ބޭނުންވާ ކަންތައްތަކާއި، އެމީހުންގެ ވިންދާއި، ޝުޢޫރުތައް ބައެއް ފަހަރު އަޑު އިވެއެވެ. އަދި ރައީސް މީހާގެ ވާހަކަތައްވެސް ކެނޑިނޭޅި މިދަނީ އިވެމުންނެވެ.

ޤަބޫލުކުރަން ދަތިނަމަވެސް، މިވަގުތަށް ހާމަކޮށްލެވެން އޮތް ޝުޢޫރެއް ހާމަކޮށްލިޔަ ދެއްވާށެވެ. ޕާޓީތަކުގައި އުޅޭ ކޮންމެ މީހަކީވެސް ކޮންމެވެސް ފައިދާއެއް ބޭނުންވެގެން އުޅޭ ބައެކޭ ހިތަށް އަރައެވެ. މިއީ މައްސަލައެއް ނޫނެވެ. އެންމެ ފަހުން ބޭއްވުނު ރިޔާސީ އިންތިޚާބުގައި ޕާޓީތަކުގެ ލީޑަރުން ވަނީ ވެރިކަމަށް ކުރިމަތި ލައްވާފައެވެ. ކާމިޔާބަކީ ހުރިހާ އެންމެންނަށް ވާންޖެހޭ އެއްޗެއް ނޫންކަމުން އެކަންވެސް ތަޤްދީރުގައި ލިޔެވިފައިވާ ގޮތަށް ނިމިގެން ދިޔައީކަމަށް ބަލަމާތޯއެވެ.
ދެންނެވޭތޯ މިއުޅޭ ވާހަކައަކީ ބައެއް ޕާޓީތަކާމެދު ފުންކޮށް ވިސްނާ ފިކުރު ކޮށްލާއިރު، ޕާޓީގައި އެލިގަނެގެން އުޅޭ ބަޔަކު އެބަ ތިބިކަމަށް ފެންނަ ވާހަކައެވެ. މިދެންނެވި އެއްޗެއްގެ މާނަ އޮޅުވާނުލައްވާށެވެ. ތިމާމެންނާމެދު ރައްޔިތުންގެ ހިތުގައި ނަފުރަތާއި، ނުރުހުމާއި، ޤަދަރު ކުޑަވުން އޮވެދާނެ މިންވަރު އަމިއްލައަށް ވަޒަންކުރުމަކާ ނުލައި، ޕާޓީގައި އެލިގަނެގެން ފެންމަތީގައި އޮންނަން މަސައްކަތްކުރާ ބަޔަކު ދެޕާޓީންވެސް ފެންނަމުން ދެއެވެ. ތިމާމެންގެ އަތުގައި އާރާއި، ބާރު އޮތްއިރު ރައްޔިތުންނަށްޓަކައި ކަންކަން ކޮށްދެވެން އޮތްއިރު، ރައްޔިތުންނާމެދު މާބޮޑު އަޅާލުމެއް ނެތި، ކަޅިހިންގާލުމެއް ނެތި، ތިމަތިމާމެންގެ ޖީބުތައް ފުރަމުން ދިޔަ ބައެއް މީހުން، އެމީހުންގެ އަމިއްލަ ވިޔާނުދާ ޢަމަލުތަކެއްގެ ސަބަބުން، ރައްޔިތުންގެ ކުރިމަތީގައި އަގުވެއްޓި، ބޭޒާރު ވުމަށްފަހު، ރީނދޫ ކުލަ ނުވަތަ ނޫކުލައިގެ މަޝްހޫރު ޕާޓީއެއްގެ ދަލުގެ މަތީ ކުރެވީގައި އެލިގަނެގެން އޮވެލުމުގެ ފުރުޞަތު ބައެއް ފަރާތްތަކުން ހޯދަމުން ދާކަން ފާހަގަ ކުރެވެއެވެ. އަދިވެސް ރައްޔިތުންގެ ލޯބި ތިމަތިމާމެންނަށް ލިބިދާނެކަމަށް އެފަދަ މީހުން ހީކުރަނީތޯއްޗެކެވެ.

ވިސްނާ ހޭއަރާށެވެ. ޕާޓީތަކުގެ ހިންގުންތެރި ވެރިންނޭވެ. ކޮށްފައިހުރި ވިޔާނުދާ ކަންތައްތަކާއި، ރައްޔިތުންނަށް ދައްކާފައިހުރި ބޮޑެތި ދަޅަތަކާއި، ކައިފައިހުރި ބޮޑެތި ކެއުންގަނޑުތަކުގެ ސަބަބުން އެފަދަ މީހުން މޫދަށް ވައްޓާލައިފިނަމަ ބޮކިޖަހާފައި ދާނީ އަޑިއަށެވެ. މިފަދަ މީހަކު ޕާޓީގެ ދަލުގެ މަތީ ކުރެވީގައި އެލިގަތުމުގެ ފުރުޞަތު ދެވިއްޖެނަމަ އެމީހަކު ބޮކިޖަހާފައި އަޑިއަށް ދާއިރު ޕާޓީވެސް އަޑިއަށް ދާނެކަން ދަންނާށެވެ.

ދަންނަވާލަން އޮތް އަނެއް ވާހަކައަކީ، ބައެއް ޕާޓީތަކުން ރިޔާސީ ކެންޑިޑޭޓް ކަށަވަރުކޮށް ނިންމައިފިއެވެ. މިއީ ޕާޓީއަށް ހުރި ގެއްލުމެކެވެ. މިޤައުމުގައި ވެރިކަމަށް ވާދަކުރަން ބޭނުންވާ، ކެންޑިޑޭޓުންގެ ލިސްޓުގައި ފައިހަމަކުރަން ބޭނުންވާ ބޭބޭފުޅުން އެބަތިއްބެވިއެވެ. މިއަދު މިޤައުމުގައި މިއޮތީ ރީނދޫކުލައާއި، ނޫކުލައެވެ. އެހެން ކުލައަކަށް މާބޮޑު ފުރުޞަތުތަކެއް އޮތްކަމަކަށް ބެލެވޭކަށް މިވަގުތަކު ނެތެވެ. އެހެންކަމުން، މިފަދަ މަޤާމެއްގެ ކަށަވަރުކަން މިހާ ކުރިން ވަކިފަރާތަކަށް ދީ ނިންމާލުމުގެ ނަތީޖާއަކީ ކޮބައިތޯ ވިސްނާލަންވާނެއެވެ. ޕާޓީގެ ހިންގުމަށްޓަކައި ފައިސާ މިވަގުތު ވަރަށް ބޭނުމެވެ. ޕާޓީގެ ބަސް
ކުރިއެރުވުމަށްޓަކައި ޕާލަމެންޓުން މެމްބަރުންވެސް އިތުރުކުރަން ބޭނުމެވެ. ޕާޓީއަށް މީހުން އިތުރުކުރަންވެސް ބޭނުމެވެ. ޕާޓީ ވަރުގަދަ ކުރަންވެސް ބޭނުމެވެ.

މިހުރިހާ ކަމަކަށްވެސް ބޭނުންވަނީ ހަމަ އެކައްޗެކެވެ. ފިކުރުތައް ކިތަންމެ ދުރަށް ހިންގިކަމުގައި ވިޔަސް، ނިންމިފައިވާ ނިންމުމުގެ ނަތީޖާއަކީ، މުއްސަނދި މަހުޖަނުންނާއި، އަތްމަތި ތަނަވަސް މީހުންގެ ފަރާތުން އާބަސް ނުލިބުމެވެ. ވަކިމީހަކަށް ތަބަކަށްލާފަ "އެބުނާ އެއްޗެއް" އަރުވަން ބޭނުންވާނީ ކާކުތޯއެވެ. ފުރުޞަތެއް އޮތްނަމަ މަވެސް ދާނަމެވެ. ތިޔަބޭފުޅާވެސް އެހެންނޫންތޯއެވެ؟ މީ މޫސުމްގެ ނަމުގައި ހާމަނޫހުގައިވާ އާޓީކަލެއް.

އިޝްތިހާރު ކުރެއްވުމަށް

Banner