ހޯމަ, ސެޕުޓެންބަރު 06, 2010
   
Text Size

ރައީސް ނަޝީދުގެ ފުއްކިބާގައި ވިހެލުމަށްޓަކައި، ދެއަތާއި ދެފައިނެތް ޕްރައިވެޓް މީޑިޔާއަށް، ސަރުކާރުން ދަނޑިގަނޑުދޭން އެބަ އާދޭސްކުރޭ. =މުހަންމަދު ނަސީރު އއމާޅޮސް =

ބޮޑު ތިންނޫހާއި، އޭގެތެރެއިން ނޫހުގެ ރާނީގެ ވާހަކައަކީވެސް ބޮޑު ވާހަކައެކެވެ. ނޫހުގެ ރާނީގައި ލިޔާ ޚަބަރުތަކުގައި އެހުންނަ މިނިވަން މީޑިޔާގެ ދެފުށް ފެންނަ ހަމަހަމަ ދީމުޤްރާޠީ ސިޔާސަތުގެ އިންސާފުވެރިކަން

 ވަޒަންކޮއްލެވުނީމާ، އެއީ، ވޮޝިންގޓަން ޕޯސްޓާއި، ނިއުޔޯކް ޓައިމްސްއާއި، ސަންޑޭޓައިމްސްފަދަ، އިޒްވެސްޓިއާ އާއި، އަލްއަހްރާމްފަދަ ނޫސްތައް ފަހަށް ޖައްސާލާނެ ނޫހެކޭ ނުބުނާނެ އެކަކުވެސް ނޫޅޭނެއެވެ. ފިލްމީ އެވޯޑާއި، ސްޕޯޓްސް އެވޯޑާއި، ރަންބޫޓާއި، ގޯލްޑްކަޕްތައް ޙަޤީޤަތަކަށްވެގެން އަންނައިރު، އޮސްކާއާއި ނޯބެލް ޕްރައިޒް ފަނޑުކޮއްލާވަރުވެޔޭ އެންމެންވެސް ބުނާނެއެވެ. މިފަދަ ތަނަވަސްކަންހުރި، އަރާ އަރަފޯދޭ، ޤާބިލް ޕްރައިވެޓް މީޑިޔާއެއް، އެމެރިކާގައިވެސް، އިންޑިޔާގައިވެސް ނޯންނާނެއެވެ. ޖާނަލިސްޓް އެސޯސިއޭޝަންގެ ފައުންޑަރ މެމްބަރުންނަށް ބަލާލީމާވެސް މިކަމަށް ހެކި ލިބޭނެއެވެ.

އެމްޖޭއޭގެ ފައުންޑަރުން ތަމްސީލުކުރާ ނުވަތަ މެނޭޖްކުރާ ޓީވީ ޗެނަލްތަކާއި، ރޭޑިޔޯ ފުރިކްއެންސީތަކާއި، ދުވަހު ނޫސްތައް އެއީ، ދައުލަތުން ޤާނޫނީ މިނިވަންކަމަކަށް، ފައިސާގެ އެހީއަކަށް މަޢާފުގެ ޢިނާޔަތަކަށް އެދި ސަލާންޖަހަންޖެހޭ ވަރުގެ މަޞްދަރުތަކެއް ނޫނެވެ.

އެމީހުން އެބުނާ، މީޑިޔާ ކައުންސިލްގެ ޤާނޫނަށް ޢަމަލުނުކޮށް އޮއްވާވެސް، އަދި އެ ގިނަގުނަ ފިއްތުންތައް ތަޙައްމަލު ކުރާއިރުވެސް، އަދި ސަރުކާރުން މީޑިޔާ ރެގިއުލޭޓް ކުރާއިރުވެސް، އަދި މީޑިޔާ ކައުންސިލްގެ ޤާނޫނު އިޞްލާޙުނުކޮށް އޮއްވާވެސް، އަދި އެމީހުންގެ މެޝިންތަކާއި މެޓީރިއަލްސްތަކުން ފުރިހަމަ ޑިއުޓީ ނަގަނަގާ އޮއްވާވެސް، އަދި ހުޅުމާލޭ މީޑިޔާވިލެޖުގެ ބިންތަކުގެ ޑައުންޕޭމަންޓާއި އިންސްޓޯލްމަންޓްތައް، ކެޕިޓަލް އިންވެސްޓްމަންޓަކަށްވެ އޮއްވާވެސް، ހަމަ އެފަދައިން، ސަރުކާރުން އެއްވެސް ފެންވަރެއްގެ ސުކޮލަރޝިޕެއް ޕްރައިވެޓް މީޑިޔާއަށް އަދި މިހާތަނަށް ނުދޭއިރުވެސް، އަދި އެމްޖޭއޭއަށް އޮފީސް ބިލްޑިންގެއް ސަރުކާރުން ހަދިޔާ ނުކުރިޔަސްވެސް، ޕްރައިވެޓް މީޑިޔާ (އަމިއްލަ ޓީވީ، ރޭޑިޔޯ، ނޫސް) މިއޮތީ، މުޅި ދުނިޔޭންވެސް ވަނައެއް ހޯދާފައެވެ.

ސުވާލަކީ، މީޑިޔާ ކައުންސިލްގެ ޤާނޫނަށް ޢަމަލުނުކޮށް އޮންނާތީ، އެމްޖޭއޭއާއި، ޕްރައިވެޓް މީޑިޔާއަށް ދަތިވީ ކޮންކަމެއް ނުވެގެން ހެއްޔެވެ. ކުރިމަތިވަނީ އަދި ތަޙައްމުލް ކުރީ ކޮންކަހަލަ ފިއްތުމެއް ހެއްޔެވެ. ނުވެގެން އުޅެނީ ކޮންކަމެއް ބާއެވެ! ނުފެތުރުނީ ކޮންކަހަލަ ދޮގު ޚަބަރެއް ބާއެވެ! ނުދެއްކެނީ ކޮންކަހަލަ މަންޒަރެއް ބާއެވެ! ސަރުކާރު ވައްޓަން ދަޢުވަތު ދެވެއެވެ. ސަރުކާރާއި ރައްޔިތުން ޖެއްސެއެވެ. ޤައުމުގައި ފިތުނަފަސާދަ އުފެއްދެއެވެ. ސަރުކާރުގެ ވެރިންގެ ފަތިފުށް ހާމަކޮށް ބޭޒާރުކޮށް މަލާމާތް ކުރެވެއެވެ. އެމީހުން ލޯބިވާ އިދިކޮޅުޕާޓީ ޕްރޮމޯޓްކޮށް، އެޕާޓީގެ އިންސާނިއްޔަތާ ޚިލާފު ޢަމަލުތައް ފޮރުވައިދީ، އެޕާޓީގެ 30 އަހަރުގެ ޖައްބާރު ކޮރަޕްޓް ވެރިކަމަށް ސަނާކިޔައިދެވެއެވެ. ދެން ނުވެއޮތީ ކޮންކަމެއް ބާއެވެ!

މީޑިޔާ ކައުންސިލްގެ ޤާނޫނު އިޞްލާޙުކުރާނީ ކީކޭ ކިޔާފައި ބާއެވެ! މާލެއަތޮޅުން ބޮޑުވެގެންވާ ހުސްފަޅެއް އަހަރަކު 100 ރުފިޔާގެ ކުއްޔަށް ހިއްކައި، ރަށަކަށް ހަދައި، އެރަށުން މުއްސަނދިވި ވާހަކަ ކޮރަޕްޝަނަކަށް އޮއްވާ، މަބްރޫރު ޙައްޖެއްފަދަ، މިސްކިތެއް ބިނާކުރުންފަދަ ހެޔޮ ޢަމަލަކަށް ބަދަލުކޮއްލައިގެން ދިމީޑިޔާއިން ދެއްކޭ ގޮތަށް ބާއެވެ!  މުސްލިމް ވާލްޑްލީގްއާއި އިސްލާމީ އެއްބައިވަންތަކަމުގެ ނަންބޯޑް ހަރުކޮއްގެން ފައިސާގަނޑު ނަގައި، މިސްކިތާއި މަދަރުސާ ޢިމާރާތް ކުރުމުގެނަމުގައި ބިންހޯދައި، އެފަދަ އެއްވެސްކަމެއް ނުކޮށް، ތޮއްޖެހިފައިވާ މިމާލޭގައި ބިޔަ ޢިމާރާތެއް ހަދައިގެން މާލޯފާނާއި ހަވީރު ކުނިފޮޅި ހިންގާތީ، އެބިން ސަރުކާރަށް ނަގަންއުޅޭ މައްސަލަ އިދިކޮޅަށް ޖަހާލައި، މާލޭ މުނިސިޕަލްޓީއަށް އަމުރު ނުފޯރާ ބިމަކަށް "އަލް ޚައިރިއްޔާ" (ހެޔޮކަމުގެ) ބިން ހެދޭގޮތަށްބާއެވެ!

އެބުނާ "ފިއްތުންތަކަކީ" ސަރުކާރުގެ އިއުލާނާއި އިޝްތިހާރުތައް ނުދީ ގެޒެޓް ނެރެންފެށުންކަން ކަށަވަރެވެ. އަކުރަކަށް ސަތޭކަރުފިޔާގެ ރޭޓުން އިޢުލާނާއި އިޝްތިހާރުގެ ވިޔަފާރިކޮށް މުއްސަނދިވިއިރު، އޮލިމްޕަހުގައި ނޫސްހިންގީ ހަމަ ހިލޭ އެއްވެސް ކުއްޔަކާ ނުލައެވެ. އަދިވެސް މާޒީ ހަނދާންވަނީތާއެވެ. މަގޭ ވާހަކައަކީ، ސަރުކާރުގެ ކުންފުނިތަކުގެ އިޝްތިހާރުތައް، އެޖާހިލް މުނާފިޤު މީޑިޔާއަށް ދީގެން ނުވާނެއެވެ. މިވަރަށް، ސަރުކާރުގެ ވެރިން ހޭއަރަން ވެއްޖެއެވެ. މީޑިޔާ ކައުންސިލްގެ ޤާނޫނު އިޞްލާޙުކޮށްގެން ނެރެލާއިރު، މަށަށް ހީވަނީ "ދިމީޑިޔާއާއި ކުނިފޮޅީގެ" ޖާނަލިސްޓުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ސިފައިންގޭގައި ފޯރިމަރައި ޑިއުޓީމަރާ ހިސާބަށް ދާނެހެނެވެ.

މިހާރު، އެމްޖޭއޭ. ނަމަކަށް މިކިޔާ "ދިމީޑިޔާއާއި ކުނިފޮޅީގެ އަޅުން" ހަދާފައިވާ ޖަމްޢިއްޔާއިން ބޭނުންވަނީ ވަރަށް ސަޅި ގޮތްތަކެކެވެ. އެއީ "ދިމީޑިޔާއާއި ކުނިފޮޅިއަށް" ހުޅުމާލޭ މީޑިޔާ ވިލެޖުން ހިލޭސާބަހަށް އުޖޫރައެއް ކުއްޔެއް އެކައްޗެއްވެސްނެތި (އެއްކަލަ ފަޅުހިއްކި އުސޫލަށް) ބިންދީފައި، މާލޭން 10 ބުރި ޢިމާރާތްތައް ހިލޭ ދީފައި އަދި މިވެރިން އެތެރެކުރާހާ ކޮންޓެއިނާތަކަށް ޑިއުޓީ ފުރީކޮށްދީފައި، އަހަރަކު ޕީއެޗްޑީ 3 ކޯސް ދިނުމެވެ. ޚިޔާލު މޮޅުދޯއެވެ. ހިރިގާ ޒާހިރާ މިދުހަތާ ސަމްއާނުގެ ހިތުގައި ހައްސައޭ އޮންނާނެ ތާއެވެ! މިހުރިހާކަމެއް މިކޮށްދޭން ޖެހެނީ، ސަރުކާރަށް ފާޑުކިޔައި، ޑީއާރުޕީއަށް ސަނާކިޔައި، ރައީސް ނަޝީދަށް މަލާމާތް ކުރާށެވެ. މިހާރުވެސް، އެކަން އެބަކުރެވެއެވެ. ކާނިވަލު ގުދަންތައް ރޫޅާލި މައްސަލައާއި، ފަޅުހިއްކުން ކޮރަޕްޝަނަކަށް ހެދި މައްސަލައާއި، "އަލްޚައިރިއްޔާ" ގައި ދޮގު ކުނިފޮޅި ފިހުން ހުއްޓުވާލަން އުޅުނު މައްސަލައާއި، ގެޒެޓް ނެރެންފެއްޓި މައްސަލާގެ ބަދަލުހިފުމާއި ޗެލެންޖުގެ ގޮތުންނެވެ. އެކަމަކު އަދި އިތުރަށްވެސް ބޭނުންވަނީއެވެ. ހުރިހާވެސް މައްސަލައަކީ، ޒަޢީމު އަންބޮނޑިން ދިވެހި ސަރުކާރު ހިންގި ދުވަސްވަރު، ބޮޑުސޯޓު މެނަށް ދިގުފީނި މެނަށް ކަންތައް ހުރިހާ ފަސޭހަކޮށް މިއަދު ކަންކަން ނުހުންނަ ކަމެވެ.

މިއަދު އެމީޑިޔާ ވަރަށް ތަނަވަހެވެ. ކޭބަލްޓީވީ މެދުވެރިކޮށް ޓީވީ ޗެނަލެއް އެހިންގަނީ، ކަސްޓަމަރުންގެ އަތުން އެއްވެސް ޗާޖެއް ނުކޮށެވެ. ރަންތައްޓާއި ރަންބޫޓްކިބަ ދެނީ، ވޯލްޑްކަޕަށްވުރެ އަގުބޮޑު ކޮށެވެ. ހަމަ ހިލޭސާބަހަށް ރޭޑިޔޯ ފުރިކްއެންސީތައް ސައުވީސް ގަޑިއިރު (ބޮލީވުޑާއި ހޮލީވުޑް ދަށްކޮށްފައި) އެބަ ހިންގައެވެ. އެކަމަކު، އެންޕީސީއަށްގޮސް ދެއިރު ދެދަޅައަށް އާދޭސްކުރަނީ، ސަލާންޖަހާ މީހެއްގެ އުސޫލުންނެވެ. ހަތަރެއްސާ ނެތްމީހަކު ދަނޑިގަނޑަކަށް އެދޭ ގޮތަށެވެ. އެންމެބޮޑަށް ބޭނުންވަނީ، ރާއްޖޭގެ މީޑިޔާ ރެގިއުލޭޓްކުރުން ސަރުކާރުން ނައްޓާލައި، "ދިމީޑިއާއާއި ކުނިފޮޅި އެމްޖޭއޭ" އާ، ހަވާލުކުރުމެވެ. މަޤުޞަދަކީ، އޭގެ ބާރުގައި، ސަރުކާރު ވައްޓާލައި، ޑީއާރުޕީއަށް ހަދިޔާކުރުމެވެ. އެމަސައްކަތުގައި "ހޯރަ އެމްބީސީ" ބައިވެރިކޮށްގެން، ޓީވީއެމް ހުންނަ ބިން ސަތޭކަ މިލިއަން ރުފިޔާއަށް ގަނެގެންނެވެ.
- އާޓިކަލް ހާމަޑެއިލީ ވެބް އިން ނަގާފައި -

އިޝްތިހާރު ކުރެއްވުމަށް

Banner