ހޯމަ, ސެޕުޓެންބަރު 06, 2010
   
Text Size

ތިނަދޫމީހުން ގައްދުއަށް ، ދިވެހިސަރުކާރުން ތިނަދުއަށް ، ހަޤީގަތް އެގެންވެއްޖެ

މަޝްހޫރު ދެކުނު ގަޑުބަޑު ގެ ނަމުގައި ދެކުނުގެ އަތޮޅުތަކެއް ބައިވެރިވެގެން ހިންގަން އުޅުނު ބަޣާވާތުގެ ވާހަކަ ތަކަކީ ރާއްޖޭގައި ވަޅުޖަހާފައިވާ ކަޅުތާރީޚުގެ ތެރެއިން މިހާރުގެ ޖީލުތަކަށް ތަފްސީލު އެގެން ވެއްޖެ ވާހަކަތަކެވެ، ކޮންމެ ކަމެއްގައިވެސް ދެކޮޅު އޮންނާނެ ފަދައިން މިގަޑުބަޑު ނުވަތަ މިބަޣާވާތަކީ ވެސް ދެފުށެއް އޮންނާނެ ތާރީޚެކެވެ،
ތާރީޚީ ވާހަކަ ކިޔާދޭ ބައެއްމީހުން ބުނާގޮތުގައި އެދުވަސްވަރު އައްޑޫ ގަމުގައި ތިބި އިގިރޭސިންގެ ބައިވެރިވުން މިކަމުގައިވެއެވެ، ދިވެހި ސަރުކާރުގެ ދަށުން ދެކުނުގެ ދެތިން އަތޮޅެއް ވަކިކޮށްލާ މުސްތަޤިއްލު ކޮށްލުމަށް އިގިރޭސިން ބޭނުންވި ސަބަބެއްކަމަށް ބައެއްމީހުން ދެކެނީ އެމީހުންނަށް ކޮންޓްރޯލް ކުރެވޭފަދަ ގޮތަކަށް އައްޑު ގަން ދާއިމަށް ބޭއްވުމެވެ،  ސަބަބު ތަކަކާހެދި ނަމަވެސް ދިވެހި ސަރުކާރުގެ ދަށުން މިރާއްޖޭގެ ބައެއް ވަކިކޮށްލުމަށް އިގިރޭސިން ވަނީ ރޯލުތަކެއްކުޅެފައެވެ، ދިވެހި ސަރުކާރުގެ ދަށުން ވަކިވާން އުޅުނު މީހުނަށް އެހީވުމުގެ ގޮތުން އިގިރޭސިން ވަނީ ނުހަނު ގިނަ ކުޅި ތަކެއް ކުޅެފައެވެ، އެއްކަމެއްގެ ގޮތުގައި މިމީހުން ވަނީ މީޑީއާގެ ނުހަމަ ގޮތުގައި ބޭނުން ކޮށްފައެވެ އެގޮތުން އެހިސާބު ފަޅު ރަށެއްގައި މަހާނަ ތަކެއްކަމަށް ހީވާގޮތަށް ވެލިފުނި ހަދާ ރަށުގައި ތިބި ހަށިގަޑު ނިކަމެތިކޮށް ފެންނަކުދިން މިމަހާނަ ތަކުގެ ކައިރީ އަތުރާ ގޮތްގޮތަށް ފޮޓޯ ނަގާ ޔޫރަޕުގެ ނޫސް ތަކުގައި ރާއްޖެ ބަނޑައްޖެހިގެން އިގިރޭސިން އެހީތެރި ވަމުން ދާކަމަށް ޚަބަރު ފަތުރާ ފައިވެއެވެ، މިފަދަ ކަންތައްތައް ކޮށްފައިވަނީ ރާއްޖޭގެ ބައެއް ވަކިކޮށްލާއިރު ދުނިޔޭގެ ޤައުމުތަކަށް ހަޤީގަތް އޮޅުވާލުމަށް ޓަކާކަމަށް އޭރުގެ މީހުންބުނެއުޅެއެވެ. ވަކިވުމަށް ހިންގި ހަރަކާތްތައް ފޭލްވުމުން އޭރު އެކަމުގައި އިސްކޮށްހުރި އަފީފު ވަނީ އިގިރޭސިންގެ ހިމާޔަތުގައި ފޮރުވާދީފައެވެ.  މިހިރީ މިޤައުމުގެ ޖީލުތަކަށް ހަޤީގަތް އެގެންބޭނުންވާ ހާދިސާތަކެކެވެ،
މި ގަޑުބަޑުގައި ބައިވެރިވި ތިނަދޫމީހުން ރަށުން ބޭލި މައްސަލައިގައި ދެކެވޭ ވާހަކަތަކުގައި އެބައިމީހުންގެ ގެދޮރު އެންދުމާ މީހުނަށް އަނިޔާ ކުރި ކަމަށް ދެކެވޭ ވާހަކަ ތަކަކީވެސް ތަފްސީލު އެގެންޖެހޭނެ ވާހަކަތަކެކެވެ، އަދި މިކަމާ ގުޅުން ހުރި ކަމަށް ގައްދޫ މީހުން ދައްކާ ވާހަކަ ތަކަކީ ވެސް ހަޤީގަތް ހޯދަންޖެހިފައިވާ ވާހަކަތަކެކެވެ،
ގައްދޫ މީހުން ތުހުމަތު ކުރާގޮތުގައި އެރަށަށް މިވަނީ ތިނަދޫމީހުން އަރާ ފޭރިގަނެފައެވެ، ރަށް ލޫޓޫވާލާފައެވެ، ސަރުކާރުގެ ފަރާތުން ތިނަދޫއަށް ފޮނުވާފަ ތިބި އިސްވެރިން އޮރިޔާންކޮށް ވަލުތެރޭބަދެފައި ތިބި ކަމަށް ދެކެވޭ ވާހަކަ ތަކުގެ ހަޤީގަތް ހޯދަން އެބަޖެހެއެވެ. ރާއްޖޭގައި އެރުއޮތް ސަރުކާރުން ތިނަދޫ ފަތަހަ ކުރީ ރައްޔިތުންގެ މަޖިލީހުގެ ރުހުންދީގެން ކަމަށްވީނަމަވެސް އެރަށުގެ މީހުންނަށް ބޮޑެތި އަނިޔާކުރިކަމަށް ދައްކާ ވާހަކަ ތައްވެސް  އޮޅުންފިލުވާ ސާފުކުރަން އެބަޖެހެއެވެ، ނޫންނަމަ މިހާދިސާގެ ވާހަކަ ދެކެވޭ ކޮންމެ ފަހަރަކު ތިނަދޫގެ މީހުނާ ގައްދޫގެ މީހުން ހަތުރުންނަށްވުމަކީ ނުވެނުދާނެ ކަމެކެވެ، އަދި ދިވެހި ސަރުކާރާމެދު ތިނަދޫގެ ޒުވާނުން ނަފްރަތުކުރާނެއެވެ،  އެހެންކަމުން މިސަރަހައްދުގެ މަސްލަހަތައްޓަކާ ވެސް މިމައްސަލަ ތަހުޤީގު ކުރަން އެބަޖެހެއެވެ، ގައްދޫމީހުން ކުރީ ކީއްތޯ އާ ތިނަދޫ މީހުން ކުރީ ކީއްތޯ އެބަބަލަން ޖެހެއެވެ، އަދި ސަރުކާރުން ކަންތައް ކޮށްފައިވަނީ ކިހިނެއްތޯބަލާ މިމައްސަލަ ނިމުމަކަށް ގެންނަން ވެއްޖެ އެވެ، ނޫންނަމަ ދުވަސްވީ ވަރަކަށް އޮޅުންބޮޑުވެ ހާދިސާގެ ހަޤީގަތް ހޯދަން އުދަގޫވާނެކަން ކަށަވަރެވެ.

އިޝްތިހާރު ކުރެއްވުމަށް

Banner