ސިވިލްސަރވިސް ޑިއާރުޕީގެ އެންގަޑަކަށް
ވޭތުވެދިއަ ދެތިންދުވަހަކު ފަޔަށް ހިނިއަރައިގެން އުޅޭ ބަޔަކު އުޅޭހެން ޑިއާރުޕީގެ ނައިބްޒައީމު ކަމުގެ ކެންޑިޑޭޓުން އެއުޅުނު އުޅުމަކީ އަމިއްލަ އެދުމައިގެން އެމީހުން ހިންގި ހަރަކާތްތަކެއް
ކަމަށް ގިނަބަޔަކު މިހާރު ޤަބޫލުކުރެއެވެ. ސަބަބަކީ އެމުޒާހަރާތަކުގެ އިސްސަފުގައި ތިބިމީހުނަކީ މިމަހު ޑިއާރުޕީއިން ބާއްވާ އެމީހުންގެ އިންތިޚާބުގައި ނައިބްޒައީމު ކަމަށް ކުރިމަތިލީ ކެންޑިޑޭޓުންތައް ކަމަށްވާތީ އެވެ، މިމީހުންގެ ހުރިހާ މަސައްކަތަކަށް ވެފައިވަނީ ކޮންމެމީހަކުވެސް އެމީހަކަށް ލެވުނުހާ ބާރެއްލާފައި މިހާރުގެ ސަރުކާރަށް ހަޅޭއްލަވާފަ ބިންމަތީ ފުރޮޅުމެވެ، އޭރުން ޑިއާރުޕީގެ އާންމުން ގެ ގިނަވޯޓު އެމީހަކަށް ލިބި ނައިބްޒައީމު ކަމަށް ހޮވުމަށް މަގުފަހިވެގެން ދާނެތީއެވެ. ސިވިލްސަރވިސް ގެ މުއައްޒަފުންނަށް ހެއުއެދިގެން އެމީހުންގެ މުސާރަކުޑަވެގެން ނިކުން މީހުނަކީ މިނިވަން މުއައްސަސާ ތަކުގައި ބޮޑުމުސާރަނަގައިގެން ތިބި މީހުންކަން މިމީހުންވެސް ހަދާނެއްނެތެވެ، މިބަޔަކުގެ އަމިއްލަ އެދުންފުއްދުމަށް ރާއްޖޭގެ ސިވިލްސަރވިސް މިވަނީ އެންގަޑަކަށް ހަދާފައެވެ، ނަމުގައި ސިވިލްސަރވިސް މުއައްޒަފުންގެ މުސާރަ ބޮޑުކުރާށެވެ، ނަމަވެސް ހަޤީގަތަކީ ޑިއާރުޕީގެ އިންތިޚާބު ކައިރިވާތީވެ ތިމާއަކީ މާކެރޭ ސަރުކާރާ އިދިކޮޅުމީހެއްކަން ދައްކާ ޑިއާރުޕީގެ ގްރާސްރޫޓް ވާވައްދާލުމެވެ. ނޫންނަމަ ފާއިތުވި ދެދުވަހު މި ބައިމީހުން ކޮބައިބާވައެވެ، ހެދޭ ނުހެދޭ ނޭގިގޮސް ދައުލަތުގެ ދިފާއީ ބާރަށް އަރައި ގަނެވުނުކަން ރޭކާލުމުން އެންމެން ހޮރަށް ވަދެފިލީއެވެ. މިހާރަކު ނިކަމެތި ސިވިލްސަރވިސްމީހުނެއް ހަދާނެއްނެތެވެ.
ސަރުކާރުން ސިވިލްސަރވިސްމީހުންގެ މުސާރަތައް ބޮޑުކޮށްދިނުމަށްޓަކާ ސަރުކާރުގެ އާމްދަނީ އިތުރުކުރެވޭތޯ ވިޔަފާރީގެ ޓެކްސް ނެގުމަށްޓަކާ ހުއްދަހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ބިލްތައް ހުރިގޮތަށް ބަހައްޓާފައި ނިކުމެ ތިމާމެން މިއުޅެނީ ސިވިލްސަރވިސްގެ މުސާރަބޮޑުކުރާށޭ ކީމަ މިމީހުން ގެ ބަސް ޤަބޫލުކުރާނީ ކާކު ތޯއެވެ، ފުރަތަމަ ރައްޔިތުންގެ މަޖިލީހުގައި ތިބެ މިދެންނެވި ޓެކްސްގެ ބިލް ފާސްކޮށްދެއްވާފަ މެގަފޯނުގައި ހިފިނަމަ މިމީހުންގެ ބަސް އާންމުން ޤަބޫލުކުރީހެވެ، ނަމަވެސް ކަޑައެޅިގެން ސަރުކާރަށް ފައިސާ ވަންނަން ހުރި ދޮރުތައް ބަންދުކޮށްފައި މުސާރައޭ ކީމަ އެފައިސާ ނެރެން މިސަރުކާރުންވީ މައުމޫނުގެ ސަރުކާރުގައި ހެދިހެން ފައިސާ ޖަހަން ތޯއެވެ، މީ ޑިއާރުޕީ ބޭނުންވާގޮތްކަން ކަށަވަރެވެ، ނަމަވެސް މިހާރުގެ ސަރުކާރުން އަނެއްކާ އިތުރުފައިސާ ތަކެއް މަރުކޭޓަށް ނެރޭނެހެނެއް ހިއެއްނުވެއެވެ، އެހެންކަމުން އަޑުގަދަކުރަން ނިކުމެ މިއުޅޭ ޑިއާރުޕީގެ މީހުން ބޭނުންވާގޮތަކަށް ކަންތައްކުރެވިދާނެ ކަމަކަށްވެސް ނުފެނެއެވެ،
މިއަދު ސިވިލްސަރވިސްގެ މުއައްޒަފުންގެ ގޮތުގައި ތިބީ ލިއަންކިޔަން ނުދަންނަ މީހުނެއްނޫނެވެ، ވާނުވާ ނޭގޭހާ ވިސްނުންކޮށި ބައެއްވެސް ނޫނެވެ، ވީއިރު ދެކޮޅުން ދައްކާވާހަކަތައްވެސް އަޑުއަހާ މިމީހުންވެސް ވިސްނާލަންވީ މިހާވަރަށް މިކަން ހަލަބޮލި ވެގެން މިދަނީ ކޮންސަބަބަކާހުރެތޯއެވެ، މުސާރަތައް އިހުހުރި މިނަށް ނުގެނެވިގެން މިއުޅެނީ ކީއްވެގެންތޯއެވެ، ބަޖެޓަށް ފައިސާ ނުވަދެގެން މިއުޅެނީ ކޮންބައެއްގެ ސަބަބުންތޯއެވެ، ކުރިންމިދެންނެވި ބިލްތައް ފާސްކޮށްދެވޭނީ ކޮންބަޔަކަށްތޯއެވެ، އަދި މަގުމަތީގައާ މީޑިއާ ގައި އަދުގަދަކޮށް މިއުޅޭމީހުނަކީ ކޮންބޭނުމެއްގައި އުޅޭ ބައެއްތޯއެވެ؟ ވިސްނަވާލެއްވުމުން މިސުވާލު ތަކުގެ ޖަވާބު އެގިވަޑައިގަންނަވާނެ އެވެ، މިއަދު ސިވިލްސަރވިސްގެ މީހުން ނިކުންނަންވީ މަޖިލީހުގައި އެވާ ބިލްތައް ފާސްކޮށްދެއްވާތޯ ދެންނެވުމަށެވެ، އެބިލްތައް ފާސްވާހިސާބުން ސިވިލްސަރވިސް މުއައްޒަފުންނަށް ދޭންވާފައިސާ ސަރުކާރުގެ ޚަޒާނާ އަށް ވަންނަން ފަށާނެކަން ކަށަވަރެވެ، އެހެންކަމުން ވީއެންމެ އަވަހަކަށް މަޖިލީހުން އެބިލްތައްފާސް ކޮށްދެއްވާތޯ އެފަރާތަށް ޕްރެޝަރކުރެއްވުމަށް ތެދުވެވަޑައިގަންނަވާށެވެ. އޭރުން މާރޗްމަހު މުސާރަތައް ހަމައަކަށްއެޅިގެންދާނެ ކަމާމެދު ޝައްކެއްވެސް ނެތެވެ.
އިޝްތިހާރު ކުރެއްވުމަށް