ހޯމަ, ސެޕުޓެންބަރު 06, 2010
   
Text Size

ޑީއާރުޕީ އަށް ވަރުގަދަ ބިންހެލުމެއް އަންނަނީ

ޑީއާރުޕީގެ ކޮންގްރެސް ބޭއްވުމަށް ތައްޔާރު ވަމުން ދަނީ އެވެ، އިސްކޮށްތިއްބެވި ބޭފުޅުން އެއްބޭފުޅަކު އަނެއްބޭފުޅެއްގެ ފަތިފުށް ހާމަކުރެއްވޭތޯ ކުރެއްވުނު ހާ ކަމެއް ކުރައްވަމުން ގެންދަވަނީއެވެ، އަދި މިވަރުން ނިމުނީ އަކީ ނޫނެވެ، ޑީއާރުޕީ އާ ގައިގޯޅިކޮށްތިބި އެހެން ޕާޓީތަކުގެ މީހުން ޑީއާރުޕީ ތެރެއަށް އެމީހުންގެ ނުފޫޒު ފޯރުވުމަށް ޑީއާރުޕީގެ އެތެރެ ގަޑުބަޑު ކުރެވޭތޯ ކުރެވުނު ހާ މަސައްކަތެއްވެސް ކުރަނީއެވެ.
އަންނަމަހު އާދެ ފެބްރުއަރީމަހު 20، 21 ގައި ބޭއްވުމަށް ތައްޔާރުވަމުން ދާ ކޮންގްރެސް އަށް ހޯލް ތައްޔާރުކުރުމަށް މަސައްކަތް ކުރާއިރު މިފެންނަ މަންޒަރުތަކާ އަޑު ތަކަށް ވިސްނާއިރު ނޫކުލައިގެ ދޮނަމައްޗެއްވެސް  ހޯދާ ތައްޔާރު ކުރަން ޖެހޭނެއެވެ،  ސަބަބަކީ ޑޮކްޓަރ ޝަހީދު އެމްޑީޕީ އާ ދިމާލަށް ވިދާޅުވި ޖަނާޒާ ޑީއާރުޕީއަށް ކުރިމަތި ވުމަކީ ނުވެ ނުދާނެ ކަމެކެވެ. މިހެން ދަންނަވަން މިޖެހެނީ މިއަދު ޑީއާރުޕީގެ އެތެރެ އެހެރީ މިފަދަ ކަމެއް ނާންނާނެ ފަދަ ގޮތަކަށް ނޫންކަމަށް ވާތީއެވެ،
ނިމިދިއަ ރިޔާސީ އިންތިޚާބު ނިމުމާ ހަމައިން ޑީއާރުޕީ އަށް ވެރިކަން ގެއްލުނީ މައުމޫނުގެ ޚުދުމުޚުތާރުކަމާ އަދި މައުމޫނުގެ ވެރިކަމުގައި މާގިނަދުވަހު ހުންނެވުމުގެ ސަބަބުން ކަމަށް އެންމެންހެން ޤަބޫލުކުރިއެވެ، ވެރިކަމުގައި މާގިނަދުވަހު ހުންނެވުމުން ގޮޑި ގެއްލި ވަޑައިގަތީ ކަމަށް ޚުދު މައުމޫނުވެސް ޤަބޫލުފުޅު ކުރައްވާ އެވާހަކަ ދައްކަވާފައިވެއެވެ. މިސަބަބު ތަކާހުރެ އެހިސާބުން ޑީއާރުޕީ މީހުން އެހެން ލީޑަރޝިޕަކަށް ވަނީ މިސްރާބު ޖަހާފައެވެ، ކުޓީ ނަޝީދު އާ ތަސްމީނު ވަނީ ކުރީ ސަފަށް ކަޅި އަޅުއްވަން ފައްޓަވާފައެވެ، ނަމަވެސް ނުފޫޒު ގަދަ ތަސްމީނު ޑީއާރުޕީގައި ފައިހަރުކުރައްވާ މަގުސާފުކޮށް ލެއްވީއެވެެ، މައުމޫނުގެވެސް ހިތްހަލާލު ލިބިވަޑައިގެންނެވެ.
ދާދި ފަހަކާ ޖެހެންދެކަށް އިވެމުން އައިސްފައިވާ އަޑުތަކާމެދު ވިސްނާއިރު ޤަބޫލުކުރެވެނީ، މައުމޫނު ވެސް ބޭނުންފުޅުވަނީ ޑީއާރުޕީގެ ޒައާމަތަށް ދެން ތަސްމީނު ގެނައުމަށް ކަމަށެވެ، އެއީ މިދިއަ އަހަރު ނިމުމާ ކައިރިވެފައި ވަނިކޮށް މައުމޫނު ޑިއާރުޕީގެ ޖަލްސާއެއްގައި ތަސްމީނުއާއެކީ ޑީއާރުޕީ ދިއުމަށް އެދިވަޑައިގެން ފައިވެއެވެ، އަދި ތަސްމީނުގެ ޒައާމަތުގައި ޑީއާރުޕީ ގެ ކުރިމަގު އުޖާލާ ވާނެ ކަމަށްވެސް ވަހަކަފުޅުގައި ވިދާޅުވެފައިވެއެވެ. ނަމަވެސް މިވޭތުވެދިއަ މަހެއްހާ ދުވަހުގެ ތެރޭގައި މައުމޫނު އެވަނީ ވިސްނުން ފުޅު ބަދަލު ކުރައްވާފައެވެ ، މިހާރު މަސައްކަތް ކުރައްވަމުން އެގެންދަވަނީ  ޕާޓީމެންބަރުން ވަރަށްބޮޑު ހާސްކަމެއްގެ ތެރެއަށް ދާފަދަ ގޮތަކަށެވެ، އެކިފަހަރު ނޫސްވެރިން މެދުވެރިކޮށް ޑީއާރުޕީގެ ޒައީމް ކަމަށް ކުރިމަތި ލައްވާނުތޯ ދެންނެވުމުންވެސް އަދިވެސް ގޮތެއް ނުނިންމަވާ ކަމަށް ވިދާޅުވަމުން އެގެންދަވަނީ ކޮންފަދަ ވިސްނުންފުޅެއް ގެންގުޅުއްވާތީ ބާވައެވެ. ކުރިން ތަސްމީނަށް ދެެވިފައިވާ ހިތް ހަލާލު އަބުރާ ގެންދެވީ ބާވައެވެ !
މައުމޫނުގެ މި ވާނުވާ ނޭގޭ ޖަވާބަކީ ހަމަޔަޤީނުންވެސް ޑީއާރުޕީ އަށް ހާސްކަން ލިބިގެންދިއަ ޖަވާބެކެެވެ، އިންތިޚާބުގެ ވަގުތު ނުހަނު ކުޑަވެއްޖެއެވެ، މައުމޫނު ޒައީމު ކަމަށް ކުރިމަތި ލައްވާނީ ކަމެއް ނުވަތަ ނޫންކަމެއް ނޭގޭތީ ވޯޓުލާންތިބި މީހުން ވަނީ ބަސްހުއްޓިފައެވެ، މައުމޫނުގެ މިއަމަލުން ތަސްމީނު ގެ ހިތްހަމަ ނުޖެހިފައިވާކަމަށް ގިނަބަޔަކު ވާހަކަދައްކާ އަޑު އިވިފައިވެއެވެ، އަދި ރައްޔިތުންގެ މަޖިލީހުގައި ތިބި ޑީއާރުޕީ ގެ ގިނަ މެންބަރުންވެސް މިހާތަނަށް ތިބީ މައުމޫނު މިފަދަ އަމަލެއް ނުކުރައްވާނެ ކަމަށެވެ، ރައީސްކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ އިނާޔަތުގެ ބިލު ފާސްކުރީ މައުމޫނު ޑީއާރުޕީ އިން ދުރުގައި ގޭގައި ބެހެއްޓުމަށެވެ، ނަމަވެސް މަސްރަހު މިހާރު ބަދަލު ވެފައިވާގޮތުން ވާދަވެރި ހާލަތަކަށް ޑީއާރުޕީ ވެއްޓި ބައިބައިވެ ތަސްމީނާ އެކު ހީނުކުރާކަހަލަ ވަރުގަދަ ޓީމެއް ތެދުވުން މިއީ ވަރަށްކައިރި ކަމެކެވެ،
ޑިއާރުޕީ ގައި ރެދުއަޅާފައިވަނީ މައުމޫނު ޒައީމު ކަމާ ކުރިމަތި ލެއްވުމަށް ގޮތެއް ނުނިންމަވާ ވާހަކަ ވިދާޅުވި ހިސާބަކުން ވެސް ނޫނެވެ، މިރެދެއްލީ އުމަރުނަސީރު އަލިވާގެ އަށް ގެންދަން ފެށި ހިސާބުންނެވެ، މިހާތަނަށް އުމަރުނަސީރު ޓީވީއަށާ މަގުމައްޗަށް ނުކުމެފައިވަނީ މައުމޫނު މާލޭގައި ހުންނެވިނަމަ އަލިވާގޭގައި ބައްދަލު ކުރުމަށްފަހުގައި ކަމަށް ނިކަން ރަގަޅަށް ކަށަވަރުވެފައެވެ، ތަސްމީނުގެ ވިސްނުންފުޅާ މުޅިން ޚިލާފަށް އެހެން ހަރަކާތްތަކެއް ބޭރުން ހިންގަމުން އައިސް ޑީއާރުޕީގެ ތެރެއަށް އުމަރުނަސީރު ވައްދާލުން މިއީ ޔާމިނުއާ މައުމޫނުގެ ދުރުވިސްނެވުމުން ހިންގާވާފައިވާ ހަރަކާތެކެވެ، މިއަދު މިވަނީ މިކަން އެންމެނަށްއެގޭ ހިސާބަށް އެރެދުތައް ބޮޑުވެ ތިލަވެފައެވެ، ތަސްމީނުގެ ރުހުން އެއްގޮތަކަށްވެސް ނެތް އުމަރުނަސީރު މިއަދުވަނީ ޑީއާރުޕީގެ ތެރެއަށް އަތްބާނާފައެވެ. މީނައަކީ ތަސްމީނުގެ ކުރިމަގަށް ހުރަސް އެޅުމަށް މައުމޫނުގެ ސިޔާސީވިސްނުންފުޅު ހުރިވަރުން އުފައްދަވާފައިހުރި،  ތެދަށް ދަންނަވާނަމަ ތަސްމީނަށް ހުރި ގޮއްރާޅެކެވެ، މައުމޫނު އަދި ތިމަންމަނިކުފާނު ގޮތެއް ނުނިންމަވަމޭ ވިދާޅުވި ކަމުގައިވިއަސް ، މައުމޫނުގެ ކުރީގެ އިސްތަރުޖަމާނުގެ ބަސްމަގުހުރިގޮތުން މައުމޫނު ޑީއާރުޕީގެ ޒައާމަތު ދޫކޮށްނުލައްވާނެ ކަން ވަނީ ޔަޤީނާ ގާތަށް އެގިފައެވެ،
ޑީއާރުޕީގެ މިހާރުގެ ހާލަތަށްބަލާއިރު ކުރިއަށްމިއޮތް މަހެއްހާދުވަހުގެ ތެރޭގައި އެމްޑީޕީ ހަނުއޮތުން ވަރަށްމުހިންމެވެ، ސަބަބުތަކެއް ނެތިއެއްނޫނެވެ، ޑީއާރުޕީ އޭގެ ޒާތުގައި ބައިބައިވާނެތީއެވެ، މީ ޑީއާރުޕީ އާ އިދިކޮޅުމީހުން ކުޅިބަލާ ހޭން ލިބޭ ފުރުސަތަކަށް ވާނެއެވެ، ނޫންކަމަށް ހެދިގެން އުޅުނަސް ޕާޓީ ބައިބައިވާނެ ކަން ޑީއާރުޕީގެ މީހުނަށްވެސް މިހާރު އެގެއެވެ، ނަމަވެސް މިފަހަރު ޑީއާރުޕީ އަށް މިއަންނަ  ބިންހެލުމުގައި ފަސްގަޑު ބައިބައިވެ މެދުތެރޭ ފުންކޯރު ތަކެއް ހެދޭނެކަމީ ޝައްކެއްވެސް ހުރިކަމެއްނޫނެވެ. އަދި މި ކުރިމަތިލުމުގައި  މައުމޫނަށް ދެހާސްއަށްވަނަ އަހަރުގެ އޮކްޓޯބަރުމަހު ކުރިމަތިވެ ވަޑައިގެންނެވި ހިތްދަތިކަމާ އަސަރުތައް ތަކުރާރުވުމަކީ ވަރަށްގާތް ކަމެއްކަމުގައި ދަންނަވަން ވެސް ކެރިދާނެއެވެ.

އިޝްތިހާރު ކުރެއްވުމަށް

Banner